އިސްރާއީލުގެ އަސްކަރީ ސަޕްލައި ޗެއިންއަށް ސައިބަރ ހަމަލާއެއް ދީފިއެވެ.
އެ ސައިބާ ހަމަލާ ދީފައިވަނީ ހައްދުފަހަނައެޅި އިސްރާއީލުގެ ޑިފެންސް މިނިސްޓްރީ އަށް ފާޅުގައި ތާއީދު ކުރާ ކުންފުންޏެއް ކަމަށްވާ މަނަމީމް ފުޑް އިންޑަސްޓްރީޒް ހޯލްޑިންގެ އިންފްރާސްޓްރަކްޗާ އަށެވެ.
އެ ކުންފުނި ކާމިޔާބުކަމާއެކު ހެކްކޮށްލާފައިވާ ކަމަށް ސައިބާ ޔުނިޓަކުން ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހެކްކުރި ކުންފުންޏަކީ ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް ކާބޯތަކެއްޗާއި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދޭ އެންމެ އިސް އެއް ކުންފުންޏެވެ.
މި ސައިބާ ހަމަލާ އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއަށް ބޭނުންވާ މުހިންމު ސަޕްލައި ޗެއިންތަކަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ ސައިބާ ޑިވިޜަނުން ކުރި އިއުލާނުގައި ވަނީ އިސްރާއީލު ސަރުކާރަށް ތާއީދުކުރާ ވިޔަފާރިތައް މޮނިޓާކޮށް އެސެސް ކުރުމުގެ މަސައްކަތް ހަވާލުކޮށްގެން އާ އިންޓެލިޖެންސް ޔުނިޓްތަކެއް އުފައްދަން ނިންމާފައިވާކަންވެސް ހާމަކޮށްފައެވެ.
މީގެ އިތުރުން ޒަޔަނިސްޓް އަސްކަރީ މަސައްކަތްތަކަށް ތާއީދުކުރާ ހުރިހާ ކުންފުނިތަކަށާއި ފެކްޓްރީތަކަށް ސީރިއަސް އިންޒާރެއްދީ، ކުރިއަށް އޮތްތަނުގައި ހަމަލާދޭނެ ކަމަށް އެ ސައިބާ ޔުނިޓުން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައި ވެއެވެ.




