ދިވެހިންނަށް ދިގު މުއްދަތަކަށް ސްރީލަންކާއިން ބިން ކުއްޔަށް ދޫކުރަން އެ ޤައުމުގެ ސަރުކާރުން ބޭނުންވާ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ.
މަސްޢޫދު އިމާދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުން ރަނގަޅު ފުރުޞަތުތަކެއް ފަހިވެގެން ދިޔަަ ކަމަށް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަފީރު މަސްޢޫދު އިމާދު ވިދާޅުވީ ލަންކާއިން ދިވެހި އިންވެސްޓަރުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދޭން ބޭނުންވާ ކަމަށެވެ.
އެގޮތުން ލަންކާގެ ޤާނޫނީ އިމުގެ ތެރެއިން ދިގު މުއްދަތަކަށް ދިވެހި ވިޔަފާރިވެރިންނަށް ބިން ކުއްޔަށް ދޭން ލަންކާ ސަރުކާރުން ބޭނުންވާކަމަށް ސަފީރު ވިދާޅުވިއެވެ.
ލަންކާގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ދިވެހި އެމްބަސީން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ހޮސްޕިޓަލް އޮޕަރޭޓްކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ހޮސްޕިޓަލް އޮޕަރޭޓް ކުރެވޭނެ ގޮތެއް ހަމަޖައްސަންވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ.



