ރާއްްޖޭގެ މައި ކަރަންޓު ކުންފުނި ކަމަށްވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ކުންފުނީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން 2023 އަދި 2024 ވަނަ އަހަރުގެ ސްޓާފް އެވޯޑްސް ޙަފްލާއެއް ބާއްވައިފިއެވެ.
މި ޚަފްލާ ޝަރަފުވެރި މެހެމާނަކީ ސްޓެލްކޯގެ ޗެއާމަން މުޙައްމަދު ލަތީފެވެ. އަދި މި ޚަފްލާގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓެލްކޯގެ ޚިދުމަތްތައް ފެށިފަހުން 75 އަހަރު މިހާރު ފުރިފައިވާއިރު އެ ކުންފުނިން ވަނީ ”ތަރައްޤީގެ ބައިވެރިޔާ“ ނަމުގައި ސްލޯގަން އެއްވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު އިފްތިތާހް ކޮށްފައެވެ.
ސްޓެލްކޯގެ ސްލޯގަން އިފްތިތާޙު ކޮށްދެއްވީ އެ ކުންފުނީގެ އެމްޑީ ފަހުމީ އެވެ.
”ތަރައްޤީގެ ބައިވެރިޔާ“ މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމީ ތަރައްޤީގައި ސްޓެލްކޯއިން ވެފައިވާ ޙިއްސާ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. އެގޮތުން ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ޚިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ރަމްޒުކޮށްދޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން 1949ން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ޚިދުމަތުގެ އިތުރުން މިހާރު އެ ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ޚިދުމަތާއިއެކު ޤައުމީ ތަރައްޤީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް މި ސްލޯގަންއިން ރަމްޒުކޮށްދޭކަން ސްޓެލްކޯއިން ފާހަގަ ކޮށްފައިވެއެވެ.




