ޣައްޒާ ބަނޑަށް މަރުވާއިރުވެސް އިޒްރޭލުން ހަމަނުޖެހުމާއި ގަތުލުއާންމު އިތުރަށް ވަރުގަދަ ކުރަމުންދާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އޮފިޝަލަކު ބުނެފިއެވެ.
ޣައްޒާގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއް ކަމަށްވާ ކެްރޮލައިން ވިއްލެމަން އިއްޔެ ބުނީ ޣައްޒާގެ ރައްޔިތުންނަށް ކާނާ ލިބުމުގައި އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުވެސް ގިނައިރު، އެތަކެތި ރައްޔިތުންނަށް ލިބުނަ ނުދޭން ޔަހޫދީ ސިފައިން އެތައް ކަމެއް ކުރާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި އިތުރު ކާނާއާއި އެހީތެރިކަން ޣައްޒާއާ ހަމައަށް ފޯރާނެކަމުގެ ޔަގީންކަން ނެތް ކަމަށާއި ބަނޑުހައި ހޫނުކަމުގެ ސަބަބުން ރައްޔިތުން ކާނެ އެއްޗެއް ހޯދުމަށް މަޖުބޫރުން ނުކުމެ އުޅުމުން އެމީހުން މަރާލައި ކަމަށް ވެސް ކެރޮލައިން ބުނެފައިވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނީ، ބަނޑުހައި ހޫނުކަމުންނާއި ސިއްހީ ހާލަތު ދެރަވެގެން ޣައްޒާއިން ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިތުރު ތިން މީހަކު މަރުވެފައިވާ ކަމަށާއި އޭގެތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
މި އަދަދާއެކު ބަނޑުހައި ހޫނުކަމުގައި ޣައްޒާއިން މަރުވި މީހުންގެ ޖުމްލަ އަދަދު 162 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި 92 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.



