ވެލާނޭ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ޑްރޯން ޝޯގެ ތެރެއިން، ބައެއް ޑްރޯންތައް އެރޭ ވެއްޓުނު މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ޑްރޯން ޝޯ ކުރިއަށް ދިޔައިރު ގިނަަ އަދަދެއްގެ ޑްރޯން ވަނީ ސިގްނަލް ގެއްލި މޫދަށާއި ބިންމައްޗަށް ވެއްޓިފަ އެވެ. އަދި ބައެއް ޑްރޯންތައް ވީނުވީއެއް ނޭނގި ގެއްލިފައިވެސް ވެއެވެ.
އެހެންކަމުން އެކަން ތަހުގީގު ކޮށްދިނުމަށް އެދި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދިއެއް ދީފައެއް ނުވެއެވެ.
އެމްއޭސީއެލްގެ ސީއީއޯ ޝަރީފް، މި މައްސަލަ ހުށަހަޅުއްވަމުން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޑްރޯން ޝޯގެ ރިހާސަލް ކުރިއަށް ދިޔައިރު ޑްރޯންތަައް ވެއްޓުމުގެ މައްސަލައެއް ދިމާނުވާ ކަމަށެވެ.
އެހެން ނަަމަވެސް ޝޯ ބޭއްވި ރޭ ޑްރޯންތައް ވެއްޓުނު އިރު އެއާޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ އެހެނިހެން މުވައްޒަފުންނަށް ވެސް ސިގްނަލް އާއި ނެޓްވޯކް ގެއްލުމުގެ މައްސަލަ ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.
އެކަން ހިނގައިދިޔަ ގޮތް ސީދާ ނޭނގޭތީ އެކަން ތަހުގީގުކޮށް ދިނުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.




