މަސްމާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީއެއް ނުނަގާނެ ކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލް އިން މިއަދު ބުނީ މާލޭ ނޯތު ހާބަރަށް އިތުުރު ކުރެވުނު ބައިގައި މަސް ދޯނި ފަހަރަށް ހާއްސަކޮށް E ޒޯން އަދި F ޒޯން (މިހާރުވެސް މަސް ދޯނި ފަހަރު ބޭނުންކުރާ ސަރަހައްދު) ކަނޑައަޅައިފައިވާ ކަމަށެވެ.
އެގޮތުން އެ ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީއެއްނަގާ ގޮތަށް ހަމަޖައްސާފައި ނުވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
”ނަމަވެސް މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސް ނަގާ އުސޫލުން ފީ ނަގާނެ. އެއީ އޭ ޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50/= ލާރި ބީ ޒޯން އަދި ސީ ޒޯން އިން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް =/1 ރުފިޔާ“ އެމްޕީއެލް ބުނެފައިވެއެވެ.
މީގެއިތުރުން އެމްޕީއެލް އިން ބުނީ، މަސް ދޯނި ފަހަރަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ކިއު ތަރުތީބުން ކަމަށެވެ. އެ ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް ބުންޏެވެ.
މަސްވެރިކަން ކުރާސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަން ބަދަލުގެންނާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާގެމަތިން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.



