މި އަންނަ އޮކްޓޯބަރު މަހު ޕާކިސްތާނުގެ ލާހޫރުގައި ބާއްވަން ހަމަޖެހިފައިވާ 41ވަނަ ’ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން 2025‘ ގައި، ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ އެގްޒިބިޝަން ބާއްވާނީ އަންނަ އޮކްޓޯބަރު މަހުގެ 7 އިން 9 އަށް ޕާކިސްތާނުގެ ލާހޯރުގައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކަމަށް ޕާކިސްތާނު ސަރުކާރުން ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށް އަދި އެޕްރޫވަލް ލިބޭ ފަރާތްތަކަށް ޕާލް ކޮންޓިނެންޓަލް ހޮޓެލް ލާހޯރުން 3 ރޭ ހިލޭ ހުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް ޕާކިސްތާން ސަރުކާރުން ކަނޑައަޅާ އެހެނިހެން ޚާއްޞަ ޕެކޭޖުތަކެއްވެސް ފޯރުކޮށްދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މި އެގްޒިބިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން international@trade.gov.mv އީމެއިލް ކުރުމަށް އެދިފައެވެ.




