މާލެ ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއިއެކު އެ ސަރަހައްދުން ތެލާއި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، (އެމްޕީއެލް) އިން ބުނެފިއެވެ.
މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭހެން މާލޭގެ ވިޔަފާރިވެރިންގެ ބަނދަރު މިހާރު ބަލަހައްޓަމުން ދަނީ އެމްޕީއެލް އިންނެވެ. އެމްޕީއެލްއަށް އެ ސަރަހައްދު ދީފައިވަނީ މި އަހަރުގެ ޖޫން މަހުގައެވެ. އަދި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމްޕީއެލްއިން ވަނީ ރަސްމީކޮށް އެ ސަރަހައްދު ހިންގުމާ ހަވާލުވެ، ގެނެސްފައިވާ ބައެއް ބަދަލުތަކަށް ވެސް އަމަލު ކުރަން ފަށާފައެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑޢިގެން ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ، ނޯތު ހާބަރު ސަރަހައްދުން މަސްވެރިންނަށާއި އޮޑިފަހަރުތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައް ދިނުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަކަމަށެވެ.
އެގޮތުން އެ ސަރަހައްދުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ހެޔޮއަގުގައި އޮޑިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމް އެމްޕީއެލްއިން ހަމަޖައްސަމުންދާ ކަމަަށް ވެސް ހަމްދުﷲ ވިދާޅުވިއެވެ.
”ފެނާއި، ކަރަންޓާއި، ތެލާއި އައިސް ނޯތު ހާބަރުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް. އަޅުގަނޑުމެން އެމް.ޕީ.އެލްއިން މި ނިންމީ އަގުހެޔޮ ގޮތެއްގައި ރައްޔިތުންނާއި ހަމައަށް އައިސް ފޯރުކޮށްދެވޭނެ ލުއިފަސޭހަ އިންތިޒާމަކީ ކޮބާތޯ މަސްވެރިންނަށް. އެގޮތުން އަޅުގަނޑުމެން އައިސްޕްލާންޓެއް ނުވަތަ އައިސްލިބޭނެގޮތް ގާއިމްކުރަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. އަދި ތެލުގެ ޚިދުމަތްވެސް ވިޔަފާރީގެ އުސޫލަކަށްވުރެ ބޮޑަށް އެތަނުގެ އުޅަނދުފަހަރު ގާތްގަނޑަކަށް މަހަކު މަސްވެރިން ނުލާ 125 އުޅަނދު ދަތުރުރަމުންދާތަނެއްވީމަ އެތަނުން އެ ޚިދުމަތްވެސް ލިބެން އެބޭފުޅުން ބޭނުންވާތީ މިހާރު ރާވަމުން މިދަނީ ތެލުގެ ޚިދުމަތްދޭން އެއީ ވިޔަފާރި އުސޫލަކުން ނޫން އެންމެ މިނިމަމް ރޭޓެއްގައި“ ހަމްދުﷲ ވިދާޅުވިއެވެ.
އެ ސަރަހައްދު ތަރައްޤީކޮށް ވަކި އިންތިޒާމުތަކެއްގެ ތެރެއިން އަންނަ މަހުން ފެށިގެން ޚިދުމަތް ދޭން ފަށާނެކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.




