ޣައްޒާ އެއްކޮށް ހިފުމަކީ އިޒްރޭލުގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި އެކަން ކުރުން ނުހުއްޓުވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވަނީ ޣައްޒާ އެއްކޮށް ހިފަންތޯ ޓްރަމްޕްއާ އިއްޔެ ރިޕޯޓަރަކު ސުވާލުކުރުމުން، އޭނާ ބުނެފައިވަނީ މިވަގުތު ޓްރަމްޕް ބޭނުންވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކަމަށެވެ.
”އޭގެ އިތުރުން އެހެން ކަންކަމާ ބެހޭގޮތުން މިވަގުތު އަހަންނަށް އެއްޗެއް ބުނެވޭކަށް ނެތް. އެއީ އިޒްރޭލުގެ އަތްމަތީގައި އޮތް ކަމެއް“ ޓްރަމްޕް ބުނެފައިވެއެވެ.
ޓްރަމްޕް މިހެން ބުނެފައިވާއިރު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީއްސުރެ އެމެރިކާގެ ވޮޝިންގްޓަނުން ދަނީ އިޒްރޭލަށް ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު އެހީގެ ގޮތުގައި ހަދިޔާ ކުރަމުންނެވެ.
މީގެއިތުރުން އިޒްރޭލުން ވަނީ އޭގެފަހުން ޣައްޒާއަށް ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަޅައި، ފަލަސްތީނުގެ އެތައް ރައްޔިތުންނެއް އެމީހުންގެ ގެދޮރުން ނެރެ އެތައް ބިމަކަށް ގަދަކަމުން ވެރިވެގަނެފައެވެ.
އިޒްރޭލުން އިތުރު ބިންތައް ހިފައިފިނަމަ، ޣައްޒާގެ ރައްޔިތުންނަށް އިތުރު ނިކަމެތިކަން ލިބޭނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. މިހާރުވެސް ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ރައްޔިތުންނެއް ކޮންމެ ދުވަހަކު ދަނީ ޝަހީދު ވަމުންނެވެ.




