ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާގެ 100 އެއްހާ މީހުން ޝަހީދުކޮށްލާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން މުޅި ޣައްޒާއަށް ދިން ހަމަލާތަކުގައި އެހީއަށް އެދިތިބި 51 މީހުން ހިމެނޭހެން ފަލަސްތީނުގެ 98 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި އިސްރާއީލުން 603 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
އިސްރާއީލުން ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 61،258 މީހުން ޝަހީދުކޮށްލާފައި ވާއިރު 152،045 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އެހީ ބެހުމުގެ އާ ނިޒާމެއް ތަންފީޒުކުރި ފަހުން މިހާތަނަށް އެހީ އަށް އެދިތިބި 1،706 މީހުން އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާއިރު 12،030 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.




