ޔަމަނުގެ ހޫތީން 64 ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ޔަމަނުގެ ހޫތީ މުޖާހިދުންގެ ލަޝްކަރާ ގުޅިފައިވާ ހިއުމެނިޓޭރިއަން އޮޕަރޭޝަންސް ކޯޑިނޭޝަން ސެންޓަރު (އެޗްއޯސީ) އިންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހޫތީން އެ ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ”އިސްރާއީލާ“ ގުޅުން ހުރި އުޅަނދުތައް ހިފާފައިވާ ފަލަސްތީނުގެ ބަނދަރުތަކަށް ދަތުރުކުރުން ހުއްޓުވުމަށް ޔަމަނުގެ ސިފައިން ނިންމި ނިންމުމާ ހިލާފުވެފައިވާތީ އެވެ.
ޔަމަނުގެ ނިއުސް އެޖެންސީ ސަބާއިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ ދުޝްމަނުންނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ސިފައިންގެ ހުރަސްތަކާ ހިލާފުވި 64 ކުންފުންޏަކާ ދެކޮޅަށް ޔަމަނުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ބްލޮކްޑައުން ފެށުނީއްސުރެ އެ ސެންޓަރުން ޝިޕިން ކުންފުނިތަކަށް ގުޅައި ފިޔަވަޅުތައް އަންގާފައިވާ ކަމަށެވެ.
ކުރިން އިންޒާރުދީފައިވީ ނަމަވެސް، އެ އުޅަނދުތައް ކުރިއަށް ގޮސް ހިފާފައިވާ ފަލަސްތީނުގެ ބަނދަރުތަކަށް ވަދެ، އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި ބުނީ އެ ކުންފުނިތަކުން އިސްރާއީލަށް އެހީ ފޯރުކޮށްދިނުމުގެ ސަބަބުން ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
”ކަނޑުގެ ސިފައިންގެ ބްލޮކްޑައުންއާ ހިލާފުވި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެ ކުންފުނިތަށް ނިސްބަތްވާ ޤައުމެއް ބެލުމެއް ނެތި ދެމި އޮންނާނެ“ އެ ބަޔާނުގައި ބުނެފައި ވެއެވެ.



