ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށާއި އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
މާލެއާއި ހުޅުމާލެއިން މިއަދު ކަރަންޓު ކެނޑިފައިވާއިރު، ސްޓެލްކޯ އިން އިއްޔެ ވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކެނޑިދާނެކަން އިއުލާނު ކޮށްފައެވެ.
އެގޮތުން ސްޓެލްކޯއިން ބުނީ، މާލެ ސިޓީ، ފާށަނާކިލެގެ މަގު، އަލިކިލެގެފާނު މަގު، ބަނަފްސާ ގޯޅި، ބޮޑުފުޅަށް ގޯޅި، ބޮޑުރަސްގެފާނު މަގު، ހަލަވެލި ގޯޅި، ހަނދުވަރުދޭ ހިނގުން، ހެލެނބެލި ގޯޅި، ހުސްނުހީނާ މަގު، މަޖީދީ މަގު، ނިޔަނދުރު ގޯޅި، ރަށްދެބައި މަގު، ރަތްވިލާ މަގު، ސަބުދެރިޔާ މަގު އަދި ސަހަރާ މަގު ހިމެނޭ ސަރަޙައްދުން މިއަދު ހެނދުނު 10:00 އާއި 10:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށެވެ.



