ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މުޅި މާލެއާއި ހުޅުމާލެއަަށް ވެސް މިހާރު ކަރަންޓު ދީފިއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން މިއަދު ހެނދުނު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. އަދި އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ސްޓެލްކޯއިން އެވަގުތު ވަނީ ފަށާފައެވެ.
އެ މަސައްކަތުގެ ދަށުން ސްޓެލްކޯ އިން ފުރަތަމަ ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުގެ އިތުރުން ހުޅުމާލޭ ފޭސް 1 އަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައެވެ. އަދި އެއަށްފަހު ހުޅުމާލޭ ފޭސް 2 އަށްވެސް ފަހުން ވަނީ އެ ހިދުމަތް ދޭން ފަށާފައެވެ.
ސްޓެލްކޯ އިން ދާދި ދެންމައަކު ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށެވެ.
މީގެއިތުރުން އެ ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން ނަންބަރު 104 އަށް ގުޅުއްވުމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.




