ހުޅުމާލޭގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން ވެސް މަޑުނުކޮށް ދިޔުމަށްފަހު، އެ ކާރު ހުއްޓުވުމަށް މަސައްކަތް ކުރި ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓާލުމުން، ފުލުހަކަށް ރޭ އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ބުނި ގޮތުގައި ހުޅުމާލޭ ފޭސް 1 އަދި 2 ގައި ރޭ 11:00 ހާއިރު ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް ހުއްޓުވަން އުޅުމުން ވެސް އެ ކާރުގައި ތިބި މީހުން އެކަން ކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އިރުޝާދަށް ބެލުމެއް ނެތި ހުޅުމާލޭގެ ދެ ފޭސްގައި ބާރު ސްޕީޑުގައި ދުއްވަމުން ދަނިކޮށް، އެ ކާރުގެ ފަހަތުން ފުލުހުން ދިއުމުން ފުލުހުންގެ ސައިކަލުގައި ކާރުން ޖައްސައި އެ ސައިކަލު ވައްޓާލާފައިވާ ކަމުގައި ފުލުހުން ބުންޏެވެ. އެ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.
އެ ކާރު ދުއްވި ފިރިހެން މީހާ އާއި އެ ކާރުގައި އިން އަންހެން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.




