ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، 16 ދުވަހުގެ ދިގު ޗުއްޓީއަކަށްފަހު، މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއްޖެއެވެ.
މިދިޔަ އަހަރުގެ ބޮޑު ޗުއްޓީއަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނީ މިއަހަރުގެ އޭޕްރިލް މަހުގ 7ވަނަ ދުވަހުގައެވެ. އޭގެފަހުން މި އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޯމު ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ، މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށެވެ. އަދި އެ ދަރިވަރުންނަށް ކިޔަވައިދޭން 11،000 އެއްހާ ޓީޗަރުން ވެސް އަންނަނީ މަސައްކަތްކުރަމުން ކަމުގައި މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން، 10،000 އެއްހާ ޓީޗަރުން މަސައްކަތްކުރަނީ ސަރުކާރު ސްކޫލުތަކުގައެވެ.
އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފަށާ ގޮތަށް މިދިޔަ ސަރުކާރުން ގެނައި ބަދަލު މި ސަރުކާރުން ވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ.
އެހެންކަމުން، އަންނަ ދިރާސީ އަހަރު ފަށާނީ ޖަނަވަރީ މަހެވެ. އަދި މި އަހަރުގެ ދެވަނަ ޓާމު ޑިސެންބަރު 25 ގައި ނިންމައި، އެ މަހު 28 އިން ފެށިގެން ޖަނަވަރީ 22 އާ ހަމައަށް ބޮޑު ޗުއްޓީ ލިބޭނެއެވެ.



