ހުޅުމާލޭގައި ރޭ ނުރައްކާތެރިކޮށް ދުއްވި ކާރުގައި އިން އަންހެން މީހާ ދޫކޮށްލައި ކާރު ދުއްވަން އިން ފިރިހެން މީހާ ހައްޔަރުގައި އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފިއެވެެ.
ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން ފުލުހުން ބުނުމުން ވެސް މަޑުނުކޮށް ދިޔުމަށްފަހު، އެ ކާރު ހުއްޓުވުމަށް މަސައްކަތް ކުރި ފުލުހުންގެ ސައިކަލެއްގައިވެސް ޖައްސައި ފުލުހަކަށް ރޭގައި ވަނީ އަނިޔާވެސް ވެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ކާރު ދުއްވަން އިން ހ. ފިލިމާގޭ އައިކް ހައިޝަމް ހަސަން (18އ.) އެވެ.
މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އޭނާއަށް އިތުރަށް ފަރުވާ ދިނުމަށް ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



