މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ބޭނުންކުރި ފަސިންޖަރުންގެ އަދަދު 4 މިލިއަނަށްވުރެ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރުވެސް އިތުރު އަދަދެކެވެ.
އެމްއޭސީއެލުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައިި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 4،108،845 ފަސިންޖަރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 އިތުރުވުމެކެވެ.
އެގޮތުން ފުރަތަމަ ހަ މަސްދުވަހު ދަތުރުކުރި 4.1 މިލިއަން ފަސިންޖަރުންގެ ތެރެއިން، ބައިނަލްއަޤްވާމީ ދަތުރުތައް ކޮށްފައިވަނީ 2،669،969 ފަސިންޖަރުންނެވެ. އެތެރޭގެ ދަތުރުތައް ކޮށްފައިވަނީ 579،079 ފަސިންޖަރުންނެވެ. އަދި ސީޕްލޭންގައި 859،797 ފަސިންޖަރުން ދަތުރުކޮށްފައިވާކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކައެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން އެއް ދުވަހެއްގެ ތެރޭގައި އެއަރޕޯޓު ބޭނުންކޮށްފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު ވީއައިއޭއިން 26،658 ފަސިންޖަރުން ވަނީ ޚިދުމަތް ހޯދާފައެވެ. މީގެއިތުރުން ސީޕްލޭންއިން އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން ދަތުރުކޮށްފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. އެދުވަހު 7،439 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ.




