ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ޝައިހް އާޒިމް ޚާލިދު އުމްރާ ގުރޫޕެއް ހައްދަވައި، އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާން ފައްޓަވައިފިއެވެ.
ޝައިހް އާޒިމަކީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މާލެ އާއި އެހެނިހެން ރަށްރަށުގައި ދީނީ ދަރުސްތައް ދެއްވަމުން ގެންދަވާ އުމުރުން އެންމެ 32 އަހަރުގެ ޒުވާން ޝައިހެކެވެ.
”އަލްވާދީ“ ނަމަކަށް ކިޔާ އެ އުމްރާ ގްރޫޕް އުފައްދަވަން ސަރުކާރުން ޝައިހަށް ހުއްދަ ދިނީ މިއަހަރުގެ ޖޫން މަހުގައެވެ.
ބ. ހިތާދޫއަށް އުފަން ޝައިހް އާޒިމްގެ އަލްވާދީ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފުރަތަމަ ދަތުރު ރާވާފައި ވަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށް މި އަހަރުގެ ޑިސެމްބަރު 24 ގައި ކަމަށް އެނގިފައިވެއެވެ. އެ ދަތުރު ކުރާނީ އެމިރޭޓްސް ފްލައިޓުންނެވެ.
އަލްވާދީ ގުރޫޕުން ބުނީ، އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.



