ބ. ކަމަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.
މި ހިދުމަތް ކަމަދޫގައި ފައްޓަވައި ދެއްވީ، އެ އަތޮޅަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ކަމަދޫއަށް ވަޑައިގެން އެމަނިކުފާނެވެ.
ރައީސް މުޢިއްޒުވަނީ މި ހިދުމަތް ކަމަދޫގައި ފައްޓަވައި ދެއްވުމަށް، ރަމްޒީ ކާޑު ބޭނުންކުރައްވައި އެ އޭޓީއެމްއިން އެންމެ ފުރަތަމަ ހިދުމަތް ހޯއްދަވާފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމްގެ ހިދުމަތް ދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ އެއް ވައުދުފުޅެވެ.
ބ. އަތޮޅަށް ރައީސް މިއަދު ފެއްތެވި މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއީ ހަތަރު ދުވަހަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.




