ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު ހޯދަމުން ކުރި އިއުލާނާ ގުޅިގެން، ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ހައި ކޯޓުން ހުސްވި ދެ ގޮނޑިއަށް ފަނޑިޔާރުން ހޯދަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ މިހާރު ވަނީ އައްޔަންކޮށް ފަނޑިޔާރުކަމުގެ ހުވާ ވެސް ކުރައްވައިފަ އެވެ.
ނަމަވެސް އޭނާއާއެކު ދެން އެ މަގާމަށް ހޮވިވަޑައިގެންނެވި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޝަހީދުގެ ނަން ފަހުން އަނބުރާ ގެންދިޔުމުން އެ މަގާމަށް ކުރިމަތިލުމަށް އަލުން ވަނީ ހުޅުވާލާފައެވެ.
ޝަހީދުގެ ބަދަލުގައި ފަނޑިޔާރުކަމަށް އައްޔަންކުރާނެ ބޭފުޅަކު ހޯދުމަށް މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނުގެ މުއްދަތު ހަމަވާނީ މާދަމާއެވެ.
އެންމެ ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި، ފެމިލީ ކޯޓުގައި 15 ވަރަކަށް އަހަރު ހޭދަކުރައްވާފައިވާ މާހިރު ހިމެނިވަޑައެއް ނުގަންނަވައެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް އޮކްޓޫބަރު 13، 2022 ގައި ހަމަޖެއްސި މާހިރު އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ނޮވެމްބަރު 9، 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. ފެމިލީ ކޯޓަށް ބަދަލުވީ މެއި 23، 2010 ގައެވެ.


