ރިޔާސީ އިންތިހާބުގައި ދިން ތާއީދުގެ ނަތީޖާ ފެންނާނެ ކަމަށާއި ވައުދުތައް ފުއްދައި މަސައްކަތްތައް ފަށަން ތައްޔާރީތައް ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ބ. އަތޮަޅުގެ ބައެއް ރަށްތަކަށް މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޑަރިކިލަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް މުޢިއްޒުވަނީ ރިޔާސީ އިންތިހާބުގައި އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ކުރި ތާއީދަަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރައްޔިތުން ކުރި އިތުބާރުގެ ނަތީޖާ ދައްކަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.
”މި ދަތުރުގައި އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑުމެންނަށް ދިމާވި އެކިއެކި ދަތިތަކުން އަރައިގަނެވި، އެކި ރަށްރަށުގައި؛ މިރަށް ހިމެނޭހެން ކުރަން ޖެހިފައި ހުރި ކަންކަމުގައި ކުރިއަށް ދެވޭނެ މަގު އަޅުގަނޑުމެން މިހާރު ވާނީ ފަހިކޮށްފައި“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.




