އެމްޑަބްލިޔުއެސްސީން ބ. ކެންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާޙް ކޮށްދެއްވީ އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ މިނިސްޓަރުންގެ އިތުރުން އެ ރަށުގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން، ކެންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ.
ހަމައެހެންމެ ފެން ރައްކާ ކުރުމަށް ތާނގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ވަނީ ޤާއިމްކޮށްފައެވެ.
އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.
ހަމަ މިއާއި އެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.
ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ.
މިމަޝްރޫޢުގެ ޖުމްލަ އަގަކީ 56.61 މިލިއަން ދިވެހި ރުފިޔާއެވެ.
މި މަޝްރޫޢުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.



