ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން، ހުޅުމާލޭގައި 60 ރުއް އިންދުމުގެ ހަރަކާތެއް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާއާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
މި ރުއްތައް އިންދާފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ބީޗް ސަރަހައްދުގައެވެ.
އެގޮތުން އިއްޔެ ކުރިއަށްގެންދިޔަ ރުއް އިންދުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ.މަރިޔަމް މާރިޔާ، އަދި މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެޗްޑީސީގެ އިސްވެރިން އަދި މުވައްޒަފުންގެ އިތުރުން މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުން ބައިވެރިވެ، ރުއް އިންދާފައިވެއެވެ.
ހުޅުމާލޭގައި މި އިންދި މި 60 ރުކަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންދި ރުއްތަކެކެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދުފުޅުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ޖުމްލަ އެއް މިލިއަން ގަސް އިންދުމަށް ނިންމައި މިދިޔަ އަހަރު ވަނީ ޕްލެޖުގައި ސޮއިކޮށްފައެވެ. އަދި އެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށްވެސް ނިންމާފައެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެއެވެ.
މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް މި ކޯޕަރޭޝަނުން ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެއެވެ. އެޗްޑީސީގެ އަމާޒަކީ، މި ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ.



