މި ސަރުކާރުގެ ހުރިހާ ޝައުގެއް ހުރީ ބ. ފުޅަދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ އަމާޒަށް ތަރައްޤީ ގެންގޮސްދެއްވުމަށް ކަމަށާއި މިކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމާއެކު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފުޅަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭގައި ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން މިވަގުތު ބ. ފުޅަދޫއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، ފެނާއި ނަރުދަމާގެ މައްސަލައެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަހަށް ނިމުމަކީ އާންމު ދިރިއުޅުމާއި ރަށުގެ ތަރައްޤީއަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ފަށައި، ބޮޑު އިސްކަމެއް ދެއްވައިގެން ބާރު ދުވެލީގައި އެމަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ފުޅަދޫގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން އެބަހުރިކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަށުގައި އެކިއެކި ޚިދުމަތްތައް ދިނުމަށް ގެނެވޭ މުވައްޒަފުން ބޭތިއްބުމުގައި ދަތިތަކެއް ހުރި ކަމަށާއި މި ދަތިތައް ފިލުވާލުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ. އެ މުވައްޒަފުން ތިބޭނެ އެކަމޮޑޭޝަން ބްލޮކެއް ސަރުކާރުން އަޅައިދިނުމަކީ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށާއި ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން މިމަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ފުޅަދޫގެ ސިއްޙީ ދާއިރާގެ ތަރައްޤީއަށް ވެސް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ސިއްޙީ މަރުކަޒަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ދިނުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ތަޢުލީމާއި ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގައި އައު މިސްކިތެއް ބިނާކުރައްވާނެކަމުގައިވެސް ވިދާޅުވިއެވެ.




