މިއަހަރު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ފެށޭ ގޮތަށް ބަދަލުކޮށް އަންނަ ދިރާސީ އައު އަހަރުގެ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފިއެވެ.
އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކަލަންޑަރުން ދައްކާ ގޮތުގައި، ފުރަތަމަ ޓާމުގެ ކިޔެވުން ފެށޭނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27ވަނަ ދުވަހުގައެވެ. އަދި ފުރަތަމަ ޓާމުގެ މިޑް-ޓާމް ބްރޭކް ލިބެނީ މެއި މަހުގެ 24 އިން 30 އަށެވެ.
މިއަންނަ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ޗުއްޓީ ލިބެނީ ޖުލައި މަހުގެ 17 އިން އޮގަސްޓް މަހުގެ 1 އާ ހަމައަށެވެ.
ދިރާސީ އައު އަހަރުގެ ކަލަންޑަރުން ދައްކާ ގޮތުގައި އަންނަ އަހަރު ދެވަނަ ޓާމުގެ ކިޔެވުން އޮގަސްޓް 2 ގައު ފެށޭއިރު، ދެވަނަ ޓާމްގެ މިޑް-ޓާމް ބްރޭކް ލިބެނީ ސެޕްޓެމްބަރު މަހުގެ 13 އިން 19 އަަށެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ.
މިފަހަރުގެ ކަލަންޑަރުގައި ވަނީ އަލަށް ސްކޫލްއަށް ދަރިވަރުން ވައްދާ ތާރީޚާއި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފައެވެ. އެގޮތުން މެއިމަހުގެ 17 އިން ޖޫން 15 ހަމައަށް މުއްދަތެއް ހިމަނާފައިވާއިރު 18 އޮކްޓޫބަރުން 17 ނޮވްމެބަރާއި ދެމެދު އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރުމުގެ ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ.



