މުޅި ދުނިޔެއަށް ނަން މަޝްހޫރު އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންގެ ލޯބިލިބިފައިވާ ޖަޖް ފްރޭންކް ކެޕްރިއޯ އިއްޔެ މަރުވެއްޖެއެވެ.
”އެންމެ ރަނގަޅު ޖަޖް“ ގެ ލަގަބު ލިބިފައިވާ ކެޕްރިއޯ މަރުވިއިރު އުމުރުން 88 އަހަރެވެ. އޭނާ މަރުވީ ވަރަށް ގިނަ ދުވަސް ވަންދެން ޕެންކްރިއެޓިކް ކެންސަރާ ހަނގުރާމަ ކުރުމަށްފަހު ކަމުގައި ރިޕޯޓުތަކުން ބުނެއެވެ.
ޖަޖް ކެޕްރިއޯ ގިނަ މީހުންނަށް އެނގިފައިވަނީ އޭނާގެ ކޯޓް ޝޯއެއް ކަމަށްވާ ”ކޯޓް އިން ޕްރޮވިޑެންސް“ އިންނެވެ. އެ ޝޯއިން ދައްކުވައިދެނީ އެކި މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރާ މީހުންނާ ޖަޖް ކެޕްރިއޯ މުއާމަލާތް ކުރާ ގޮތާއި މަައްސަލަ ނިންމުމުގައި ގެންގުޅޭ އަދުލު އިންސާފުވެރިކަމާއި އޯގާތެރިކަމުންނެވެ.
މަރުވުމުގެ އެއް ދުވަސް ކުރިން ކެޕްރިއޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައިވަނީ، އޭނާއަށް އަވަސް ޝިފާއެއް ލިބުން އެދި ދުއާ ކޮށްދިނުމަށް އެންމެންގެ ކިބައިން އެދިފައެވެ.




