އިއްޔެ ޖަލަށްލީ ޝްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، ޑޮކްޓަރުންގެ ލަފާގެ މަތިން ޖަލު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ޤައުމުގެ ޖަލުތަކުގެ ތަރުޖަމާނު ޗަންދަނާ އެކަނަޔަކަ ރޭ ވިދާޅުވެއްޖެއެވެ.
ވިކްރަމަސިންހަ ވެލިކަޑާ ޖަލަށް ގެންދިޔައީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެން ޖަލު ބަހެއްގައެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޖަލަށް ގެންދިއުމަށް ފަހު ހެދި މެޑިކަލް ޓެސްޓުތަކަށް ފަހުގައި ކަމަށްް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޝްރީ ލަންކާގެ ކުރީގެ ރައީސް ވިކްރަމަސިންހަ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކޯޓަށް ހާޒިރުވުމަށް ފަހު އަންނަ އަންގާރަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަކަށް ބޭނުން ކުރެއްވީ ކީއްވެތޯ ވިކްރަމަސިންހަ އަރިހުން ސުވާލު ކުރެއްވި ކަމަށް އެޑިޝަނަލް ސޮލިސިޓާ ޖެނެރަލް ދިލީޕާ ޕިއޭރިސް އިއްޔެ ކޯޓުގައި ވިދާޅުވި އެވެ. އަދި އެ ސުވާލު ދެންނެވުމުން ”ރައީސަކަށް ޕްރައިވެޓް ނުވަތަ ރަސްމީ ދަތުރެއްގައި ތަފާތެއް ނެތް“ ކަމަށް ވިކްރަމަސިންހަ ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕިއެރިސް ވިދާޅުވީ ވިކްރަމަސިންހަ 2023 ވަނަ އަހަރު ލަންޑަނަށް ކުރެއްވި ދަތުރުފުޅަކީ ”އަމިއްލަ ދަތުރެއް“ ކަމަށް ބައެއް ލިއުންތަކުގައި ހުރި ކަމަށެވެ. ނަމަވެސް ފަހުން އެ ލިއުންތައް ”ޒިޔާރަތެއް“ކަން އަންގައިދޭ ގޮތަށް ބަދަލު ކުރި ކަމަށެވެ.
ލަންކާގެ ކުރީގެ ރައީސްގެ އެ ދަތުރަށް، ސިކިއުރިޓީއާ އެކު 10 މީހަކަށް 16.6 މިލިއަން ރުފީސް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ސަލާމަތީ ކަންކަން ވެސް ހިމެނޭ ކަމަށް އޭނާ ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ.
ރަނިލް ވިކްރަމަސިންހަ ވެރިކަމާ ހަވާލުވެވަޑައިގަތީ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއާ ގުޅިގެން، އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ފިއްލެވުމުންނެވެ.
އެމަނިކުފާނަކީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ހަމަމަގަށް އެޅުއްވި މޭސްތިރިއާ އެވެ. އެކަމަށްޓަކައި ގިނަ ބައެއްގެ ތާއީދު ވެސް އޭނާއަށް ލިބިވަޑައިގަތެވެ.



