އީރާނުގެ ނިއުކްލިއާ ސައިޓްތަކާ ގުޅޭ ރިޕޯޓަކާ ގުޅިގެން އެމެރިކާގެ ސިފައިންގެ އިސް ޖެނެރަލަކު މަގާމުން ވަކިކޮށްފިއެވެ.
މަޤާމުން ވަކިކޮށްފައި ވަނީ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) ގައި 2024 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އިސްކޮށް ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކްރޫސް އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޖެފްރީ މަގާމުން ވަކިކުރީ ކީއްވެގެންކަމެއް ސާފެއް ނުވެ އެވެ.
ނަމަވެސް މީގެ ކުރިން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅޭ ގޮތުން އެ އެޖެންސީން ނެރުނު ރިޕޯޓްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެމެރިކާގެ މީޑިއާތަކުން ފުޅާ ދާއިރާއެއްގައި ކަވަރޭޖް ލިބުނު ފުރަތަމަ ޑީއައިއޭ އިވެލުއޭޝަނަކީ، އެ ހަމަލާތަކުގެ ސަބަބުން ނިއުކްލިއާ ފެސިލިޓީތައް މުޅިން ނައްތާލެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުމާ ޚިލާފަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
އެ ރިޕޯރޓްގައި އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ސަބަބުން ރައީސް ޓްރަމްޕް އާއި އެ ހަމަލާއަށް ތާއީދުކުރާ ފަރާތްތައް ސިފަކޮށްފައިވާފަދައިން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަހަރުތަކަކަށް ފަހަތަށް ޖައްސާލެވިފައެއް ނުވެއެވެ.
މިގޮތުން މިއީ ރައީސް ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރުގެ މެމްބަރުންގެ މާޔޫސްކަން އުފެދުނު ރިޕޯޓެކެވެ.
ރޮއިޓާސް އާއި އެސޯސިއޭޓެޑް ޕްރެސް އާ ވާހަކަ ދެއްކި އެމެރިކާގެ ބައެއް އޮފިޝަލުން ބުނީ ހުކުރު ދުވަހު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކްރޫސްގެ އިތުރުން އަސްކަރިއްޔާގެ އިތުރު ދެ އިސް ކޮމާންޑަރުން ވެސް މަގާމުން ވަކިކޮށްފަ އެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ޓްރަމްޕްގެ ސަރުކާރުން ޑިޕާޓްމަންޓް އޮފް ޑިފެންސްގެ އޮފިޝަލުން މަގާމުން ދުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެކެވެ.
ޓްރަމްޕް އަކީ އެ މަނިކުފާނުގެ ވިސްނުމާ އެއްގޮތް ނުވާ ސަރުކާރުގެ އޮފިޝަލުން މަގާމުން ވަކިކުރުމުގެ ރެކޯޑެއް އޮންނަ ރައީސެެކެވެ.




