ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 6 ގައި ހުންނަ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓަމަރ ކެއާ އޮފީސް މެދުވެރިކޮށްވެސް ބިލްތައް ދެއްކޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.
އެޗްޑީސީން ދެމުންއަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވިނަރެސްގައި އެޗްޑީސީގެ އޮފީހެއް ހުޅުވީ މިދިޔަ މެއި މަހުއެވެ.
މިއީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެކެވެ. މި އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ.
އެގޮތުން، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަކަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް މި އޮފީހުން ލިބޭނެއެވެ.
ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް މި އޮފީސް ހުޅުވިފައި ހުންނާނެއެވެ.
”ހިޔާ“ ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މިހާރު ލިބޭނީ ވިނަރެސް އެޗްޑީސީ އޮފީހުންނެވެ.



