އަފްގާނިސްތާނަށް ރޭ ދަންވަރު އެރި 6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އެރުމުގެ ސަބަބުން 600 އަށްވުރެ ގިނަ މީހުން މަރުވެ، 1500 މީހުން ޒަހަމްވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި މި ބިންހެލުން އަރާފައިވަނީ ޕާކިސްތާނުގެ ބޯޑަރާވީ ދިމާލުން އަފްގާނިސްތާނުގެ އުތުރު ސަރަހައްދަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އެ ސަރަހައްދުގައި ކިސަޑުންނާއި ފިލައިން ހަދާފައިހުރި ގެތައް ވަނީ މި ބިންހެލުމުގެ ސަބަބުން ވެއްޓިފައެވެ. އަދި އެތަންތަނުގެ ދަށުވެފައިވާ މީހުން ހޯދައި ސަލާމަތް ކުރުމަށް މިހާރު ހެލިކޮޕްޓަރުގައި މީހުން ފޮނުވާފައިވާކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.
މީގެއިތުރުން ރިޕޯޓުތަކުން ބުނެފައިވަނީ މި ބިންލެމުގެ ސަބަބުން ލޮޅުންތަކެއްގެ އަސަރު އަވަށްޓެރި ޕާކިސްތާނަށާއި އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވެސް ކޮށްފައިވާ ކަމަށެވެ.
އަފްގާނިސްތާނަށް އެރި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރެއް އަދިއެއް ދީފައެއް ނުވެއެވެ.
މި ކާރިސާއާ ގުޅިގެން ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އަފްގާނިސްތާނުގެ ކުނާރް ޕްރޮވިސްންސަށް 80 ޑޮކްޓަރުންނާއި 800 ކިލޯގެ ބޭސް ފޮނުވާފައިވާކަމަށް، އެ ޤައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެތައް އިމާރާތްތަކެއް ވެއްޓިފައިވާ ކަމަށާއި އެ ސަރަހައްދުގެ އެތައް އަވަށެއް ވިރާނާވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އިމާރާތްތަކުގައި ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމުގައި ބުނެފައިވެއެވެ.
މި ކާރިސާގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމުގައި ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.



