ޔޫކްރެއިނާއި ޣައްޒާގެ ހާލަތާއި ބެހޭ ގޮތުން ސްޕެއިން އާއި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުން މަޝްވަރާކޮށްފިއެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އާއި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކެއިރް ސްޓާމަރ އާއި ދެ ބޭފުޅުން ބައްދަލު ކުރައްވާ މަޝްވަރާކުރައްވާފައި ވަނީ މިދިޔަ ބުދަ ދުވަހު ލަންޑަނުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި ޔޫކްރެއިން އާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ފަދަ ޖިއޮޕޮލިޓިކަލް މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ސަންޗޭޒް ވަނީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހުޅަނގުން ދިން ޖަވާބަކީ ނާކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޣައްޒާއާ މެދު ހުޅަނގުން ގެންގުޅެމުން އަންނަ ސިޔާސަތަކީ ”ފެއިލް“ ވެފައިވާ ސިޔާސަތެއް ކަން ސަންޗޭޒް ވަނީ ފާހަގަކުރައްވާފައެވެ.
ޔޫކްރެއިން އާއި ޣައްޒާއާ ގުޅޭ ގޮތުން ޑަބަލް ސްޓޭންޑަޑްތައް ހުޅަނގުން ގެންގުޅެނީ ކީއްވެތޯ މުޅި ދުނިޔެ ސުވާލު އުފައްދަމުން އަންނަ ކަމަށްވެސް ސަންޗޭޒް ވިދާޅުވިއެވެ.
މީގެ އިތުރުން ސަންޗޭޒް ވަނީ އިޒްރޭލާއެކު ހަދާފައިވާ އެސޯސިއޭޝަން އެއްބަސްވުން މެދުކަނޑާލުމަށް އީޔޫގެ ކިބައިން އެދިފައެވެ.
2024 ވަނަ އަހަރު ފަލަސްތީނަ ދައުލަތެއްގެ ދަރަޖަ ޤަބޫލުކުރި ޔޫރަޕްގެ ހަތަރު ޤައުމުގެ ތެރޭގައި ސްޕެއިން ހިމެނެއެވެ.
އިނގިރޭސިވިލާތާއި ސްޕެއިން އިން މި ބައްދަލުކުރެއްވުން ބާއްވާފައި މިވަނީ އިނގިރޭސިވިލާތާއި އީޔޫގެ ގައުމުތަކާ އެކު އޮތް ގުޅުން އަލުން ބައްޓަންކޮށް ސްޕެއިނާ އެކު އަލުން ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިއީ 2017 ވަނަ އަހަރަށްފަހު އެ ދެ ގައުމުގެ ސަރުކާރުގެ އިސްވެރިންގެ މެދުގައި ބާއްވާ ފުރަތަމަ ބައިލެޓަރަލް ބައްދަލުވުމެވެ. އިނގިރޭސިވިލާތާއި ސްޕެއިން އިން ވެސް ވަނީ އިނގިރޭސިވިލާތުގެ ޖިބްރޯލްޓާގެ ވަށައިގެންވާ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށްފައެވެ.
ލަންޑަނާއި މެޑްރިޑުން ވަނީ ޖިބްރޯލްޓާ އާއި ސްޕެއިންގެ ބޯޑަރު ޗެކްތައް އުވާލުމުގެ އިތުރުން އީޔޫއާއެކު ކަސްޓަމްސް ޔޫނިއަނަކަށް ދިއުމުގެ ހުއްދަ ދިނުމަށްވެސް އެއްބަސްވެފައެވެ.




