ހަމާސް ޖަމާއަތުން ބޭނުންކުރާ ކަމަށް ބުނެ ޔަހޫދީ އިޒްރޭލުން ޣައްޒާގެ އުސް އިމާރާތްތައް ބިމާހަމަކުރަން ފަށައިފިއެވެ.
އިޒްރޭލުން އިއްޔެ ވަނީ ޣައްޒާގެ އުސް އިމާރާތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަށްފަހު، އެއް އިމާރާތް ގޮއްވާލައި ބިމާ ހަމަކޮށްފައެވެ.
ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން އިޒްރޭލުގެ އެތެރެއިންނާއި ބޭރުން ވެސް ފިއްތުންތައް އިތުރުވެފައި ވިޔަސް އިތުރު ރިޒާވް ސިފައިން ވެސް ނެރެ އިޒްރޭލުގެ އަސްކަރިއްޔާއިން ގެންދަނީ ޣައްޒާ ހިފުމުގެ މަސައްކަތަށްޓަކައި ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.
އިއްޔެ އިޒްރޭލުން ގޮއްވާލާފައިވަނީ 12 ބުރީގެ އިމާރާތެއް ކަމަށްވާ މުޝްތަހާ ޓަވަރެވެ. އެ ޓަވަރު ބިމާ ހަމަކޮށްލީ ”ހަމާސްގެ ޓެރަރިސްޓް ހަރަކާތްތައް ޣައްޒާ ސިޓީގެ އިމާރާތްތަކުގެ ތެރޭގައި އަދި ހާއްސަކޮށް އުސް އިމާރާތްތަކުގެ ތެރޭގައި ހިންގާކަން އެނގޭ“ ކަމަށާއި އެހެންކަމުން ”ކުރިއަށް އޮތް ދުވަސްތަކުގައި“ އެފަދަ އިމާރާތްތަކަށް ހަމަލާދޭނެ ކަމަށް ބުނެ އިޒްރޭލުން ބަޔާނެއް ނެރުނުތާ ގަޑިއެއްހާއިރު ފަހުންނެވެ.




