މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ދުނިޔޭގެ މަޝްހޫރު މިއުޒިކް ބޭންޑު ކޯލްޑް ޕްލޭއިން އެމެރިކާގައި ދިން ކޮންސެޓެއް ބަލަން ބޮސްއާއެކީ ގޮސް ހުއްޓާ، މުޅި ދުނިޔެއަށް ފަލީހަތްވި ކްރިސްޓިން ކެބޮޓް އޭނާގެ ފިރިމީހާގެ ގާތުން ވަރިވުމަށް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ފިރިމީހާ އެންޑްރޫ ކެބޮޓް ކައިރިން ވަރިވާން ކްރިސްޓިން ހުށަހަޅާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެމެރިކާގެ ފޮކްސްބޮރޯގެ ޖިލެޓް ސްޓޭޑިއަމްގައި ކުރިއަށްދިޔަ ކޯލްޑްޕްލޭ ކޮންސެޓުގައި ގިނަ ބައެއްގެ ސަމާލުކަން ކްރިސްޓަން އާއި އޭނާގެ ސިއްރު ލޯބިވެރިޔާ އަދި ބޮސް، އެންޑީ ބައިރަންއަށް ލިބުނީ ކޯލްޑްޕްލޭއިން އެ ބޭންޑުގެ ކޮންސެޓަށް ގޮސް ތިބޭ ލޯބިވެރިން ދެއްކުމަށް ހާއްސަކޮށްފައި ހުންނަ ”ކިސް ކެމް“ގެ ސްކްރީނަށް ދެ މީހުންގެ ގައިގޯޅި މަންޒަރުތަކެއް އެރުމާ ގުޅިގެންނެވެ.
އެ ކެމެރާއަށް ދެ މީހުންނާ ދިމާލަށް އެޅުވި ވަގުތު އޭންޑީ ވަނީ ކެމެރާއަށް ނާރާ ފިލަން މަސައްކަތްކޮށްފައެވެ. މި ކޮންސެޓުގައި ފަޟީހަތްވެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެންޑީ ބައިރަން އަކީ އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އެސްޓްރޯނޯމާ ކުންފުނީގެ ސީއީއޯގެ މަގާމުގައި އޭރު ހުރި މީހެކެވެ.
މިކަން މުޅި ދުނިޔެއަށް ފަޅާއެރުމުން އެންޑީ ވަނީ ކޯލްޑްޕްލޭއާ ދެކޮޅަށް ޤާނޫނީ ގޮތުން މައްސަލަ ޖައްސާނެ ކަމުގެ ބިރުވެސް ދައްކާފައެވެ.




