މިދިޔަ އޮގަސްޓް މަހު ސީ-ޓު-އެއަރ މެދުވެރިކޮށް 18 ގައުމަކަށް މުދާ ފޮނުވާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ.
އެމްއޭސީއެލް އާއި އެމްޕީއެލް ގުޅިގެން ސީ-ޓު-އެއަރ ކާގޯގެ ހިދުމަތް ތައާރަފްކުރީ 15 މެއި 2024 ގައެވެ. އެގޮތުން މި ހިދުމަތުގެ ސަބަބުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ދަނީ ލިބެމުންދެއެވެ.
އެމްޕީއެލް އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ވަނީ ބޭރުކޮށްފައެވެ. މިއީ 77 ޓީޔޫސްގެ ކޮންޓެއިނަރުން އުފުލާފައިވާ ކާގޯގެ އަދަދުކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
މިދިޔަ އޮގަސްޓް މަހު 9 އެއަރލައިނަކުން ރާއްޖެއިން ބޭރަށް ވަނީ ކާގޯ ފޮނުވާފައެވެ.
އެއީ:
° އިއްތިހާދު އެއަރވޭސް
° ލުފްތަންސާ
° ގަތަރު އެއަރވޭސް
° ޓާކިޝް އެއަރލައިން
° އަޒަރުބައިޖާން އެއަރލައިން
° ސައުދީ އެއަރލައިން
° ސްވިސް އެއަރލައިން
° އައިޓީއޭ އެއަރވޭސް
° ވަރޖިން އެޓްލާންޓިކް
ސީ-ޓު-އެއަރ މެދުވެރިކޮށް ގިނަ ގައުމުތަކަކަށް މިހާރު ދަނީ މުދާ ބޭރުކުރަމުންނެވެ. އެގޮތުން އޮގަސްޓް މަހު އެކަނިވެސް 18 ޤައުމަކަށް ވަނީ މުދާ ބޭރުކޮށްފައިވާ ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އޮގަސްޓް މަހު މުދާ ބޭރުކުރި ޤައުމުތަކަކީ:
° އިޓަލީ
° އެމެރިކާ
° ޖަރުމަނުވިލާތް
° ނެދަލޭންޑްސް
° ފްރާންސް
° ކެނެޑާ
° ގްރީސް
° އިނގިރޭސިވިލާތް
° ފަލަސްތީން
° ބެލްޖިއަމް
° ޑެންމާކް
° ސްވިޑެން
° ޕޯޗުގަލް
° ކޮސޯވޯ
° ތުރުކީ
° އޮސްޓްރިއާ
° ޗެކް ރިޕަބްލިކް
° އަޔަލޭންޑް
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަން ޑޮލަރު ވަދެފައިވާކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ.



