މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކުރުމަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
މި މަސައްކަތުގެ ދަށުން އެމްޓީސީސީން ވަނީ 132 މީޓަރުގެ ސަރަހެއްގެ ޝީޓްޕައިލް ކޮށްފައެވެ.
އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން ދެން ކުރިއަށްދާނީ މަގު ފުޅާކުރާ ސަރަޙައްދަށް ވެލި އަޅައި، އެ ސަރަޙައްދު ހިއްކުމުގެ މަސައްކަތްކަމަށެވެ. އަދި ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައްވެސް ކުރިއަށްދާކަމުގައި ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް އެއްކޮށް ނިމޭއިރު، ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭނެއެވެ.


