ނޭޕާލްގައި ކުރަމުންދާ މުޒާހަރާތަށް ހޫނުވެ، އެ ޤައުމުގެ ބޮޑުވަޒީރު ޙަޑްގާ ޕްރަސާދް (ކޭޕީ) ޝަރްމާ އޯލީ އިސްތިއުފާ ދީފިއެވެ.
ނޭޕާލު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން އިއްޔެ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިނގައި 19 މީހަކު މަރުވި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
”ގައުމަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް، ބޮޑުވަޒީރުކަމުގެ މަގާމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން“ ނޭޕާލްގެ ރައީސްއަަށް ފޮނުއްވި ސިޓީގައި އޯލީ ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ސޯޝަލް މީޑިއާ ބަންދުކުރުމުން ފެށުނު މުޒާހަރާގައި އިއްޔެ ބޮޑެތި ހަމަނުޖެހުންތައް ހިނގައި ބަޔަކު މަރުވި އިރު 400 އަށް ވުރެ ގިނަ މީހުން އެ ޤައުމުން ވަނީ ޒަހަމްވެސް ވެފައެވެ.
މި މައްސަލައާ ގުޅިގެން ރޭ ބޭއްވި ކެބިނެޓް ކުއްލި ބައްދަލުވުމުގައި ނޭޕާލްގެ ހޯމް މިނިސްޓަރާއި އިންޓީރިއާ މިނިސްޓަރު ވެސް ވަނީ އިސްތިއުފާ ދީފައެވެ.
އާބާދީ 30 މިލިއަނަށް އަރާ ނޭޕާލްގައި ސޯޝަލް މީޑިއާގެ ބޮޑެތި ހުރިހާ ޕްލެޓްފޯމްތަކެއް ބަންދުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ތެރޭގައި ފޭސްބުކާއި އެކްސް އާއި އިންސްޓަގްރާމާއި ޓިކްޓޮކް އަދި ޔޫޓިއުބް ހިމެނޭހެން 26 ޕްލެޓްފޯމެއް ބަންދުކުރި އެވެ. އެއީ އެ ޕްލެޓްފޯމްތައް ނޭޕާލްގައި ރަޖިސްޓްރީ ނުކޮށް ނުހިންގޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.




