ޤަަތަރުގެ ވެރިރަށް ދޯހާއަށް ޔަހޫދީ އިޒްރޭލުން އިއްޔެ ހަމަލާ ދިނުމުގެ ކުރިން، އެމެރިކާއިން އެކަން އެންގިކަމަށް ބުނާވާހަކަ ޤަތަރުން ދޮގުކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޮފީހުން ބުނެފައިވަނީ، ދޯހާ ތިބި ހަމާސްގެ ނިގޯޝިއޭޓަރުންނަށް އަމާޒުކޮށް އިޒްރޭލުން ހަމަލާއެއް ދޭން ރާވަމުންދާކަން، އެ ހަމަލާ ދިނުމުގެ ކުރިން ޤަތަރަށް އެންގި ކަމަށެވެ.
އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އާންމުކޮށް ސުލްހަވެރި އެއްބަސްވުމުގެ ބައްދަލުވުންތައް ބާއްވާ ދޯހާއަށް އިޒްރޭލުން ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ޓްރަމްޕްގެ އޮފީހުން މިކަމާ ގުޅޭގޮތުން މިފަދައިން ބަޔާން ނެރެފައިވަނީ، އެ ހަމަލާދިންތާ އެތައް ގަޑިއިރެއް ފަހުންނެވެ.
ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލިން ލީވިޓް ރިޕޯޓަރުންނަށް މައުލޫމާތު ދެމުން އިތުރަށް ބުނެފައިވަނީ، ދޯހާއަށް އިޒްރޭލުން ހަމަލާދޭން އުޅޭކަން އެމެރިކާއަށް ކުރިން އެނގިފައިވާ ކަމަށާއި އެފަދަ ހަމަލާއެއް ޤަތަރަށް ދިނުން ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް ހަމާސްއަށް ހަމަލާދިނުމަކީ އެމެރިކާއިން ވެސް ދެކޮޅު ހަދާ ކަމެއް ނޫން ކަމުގައި ތަރުޖަމާނު ބުނެފައިވެއެވެ.


