ހޮލީވުޑްގެ 1،800އަށްވުރެ ގިނަ ފަންނާނުން ޔަހޫދީންގެ ފިލްމީ މުއައްސަސާތަކާއެކު މަސައްކަތް ނުކުރަން ނިންމައި، އެފަދަ އަހުދެއްގައި ސޮއި ކޮށްފިއެވެ.
ފިލްމީ ތަރިންނާއި ޕްރޮޑިއުސަރުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފަންނާނުން ސޮއިކޮށްފައިވާ އެ އަހުދުގައި ބުނެފައިވަނީ، 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގައި އެ ބައެއްގެ އަތެއް ވާ ކަމަށް ބެލެވޭ އެއްވެސް ފިލްމީ މުއައްސަސާއެކު މަސައްކަތް ނުކުރާނެ ކަމަށެވެ.
ފަންނާނުންގެ އަޙްދުގައި ބުނީ ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރި ފިލްމް-މޭކާސް ޔުނައިޓެޑް އަގެއިންސްޓް އަޕާތޭޑުން ފިލާވަޅާއި ހިތްވަރު ލިބިގަނެ، ޔަހުދީންނާ ގުޅުންހުރި ފިލްމީ ކުންފުނިތަކާއެކު މަސައްކަތް ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޔަހޫދީން އިންސާނީ ހައްޤުތަކާ ޚިލާފުވަމުންދާއިރު، އެފަދަ އަމަލުތަކާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ނުކުރުމަށް ފަންނާނުން ވަނީ ގޮވާލައިފައެވެ.
އަހުދުގައި ސޮއިކޮށްފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި އޮލިވިއާ ކޯލްމަންއާއި އެމާ ސްޓޯންއާއި މަރކް ރަފަލޯއާއި ޓިލްޑާ ސްވިންޓަންއާއި ރިޒް އަޙްމަދުގެ އިތުރުން ހަވިޔާ ބާޑެމްއާއި ސިންތިޔާ ނިކްސަން ވެސް ހިމެނެއެވެ.



