އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ނުފޫޒު ގަދަ އެކްޓިވިސްޓް ޗާލީ ކަރކް ޔޫޓާ ޔުނިވަސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަން އިންދާ، ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.
އުމުރުން 31 އަހަރުގެ ކާކް އަކީ ޒުވާނުންގެ ގްރޫޕެއް ކަމަށްވާ ”ޓާނިން ޕޮއިންޓް ޔޫއެސްއޭ“ ގެ ކޯ ފައުންޑަރެއްވެސް މެއެވެ.
ކަރކް މަރާލި މީހާ އަދި ހޯދިފައި ނެތްނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް އެފްބީއައި އާ ގުޅިގެން ޔޫޓާގެ ފުލުހުން ދަނީ ކުރަމުންނެވެ. ކަރކް ގެ ގަޔަށް ބަޑި ޖަހާފައިވަނީ، އެ ޔުނިވަރސިޓީގެ ވަށައިގެން ހުރި އިމާރާތެއްގައި މަތީގައި މީހަކު ފިލައި ހުރެގެން، ސީދާ ކަރކްއަށް ބަޑިން އަމާޒުކޮށްގެން ކަމަށާއި ޖަހާފައި ވަނީ ވެސް އެންމެ އުންޑައެއް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކަރކް އިންނަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އައުޓް ޑޯ އިވެންޓެއްގައި، މީހުންގެ ސުވާލުތަކަށް ޖަވާބު ދޭން، ގޮނޑިއެއްގައި އިށީނދެގެންނެވެ. އެހެން އިންދާ ބަޑީގެ އަޑާއެކު ފެންނަނީ އޭނާގެ ވައަތްފަރާތުން ކަނދުރާއަށް އުންޑަ އަރައި ލޭތައް އޮހޮރިގަންނަ މަންޒަރެވެ. އެއާ އެކު އޭނާ ގޮނޑިން ވެއްޓެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ ކަރކްގެ މަރަކީ ގައުމީ ހިތާމައެއް ކަމަށް ކަނޑައަޅައި، ބައި ދަނޑިއަށް ދިދަ ވެސް ތިރިކުރަން އަންގާފައެވެ.



