ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން އުރީދޫ މޯލްޑިވްސްއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް އަދި އެ ކުންފުނީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި ތިމާވެށީގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުން ބޭއްވުނީ ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން، ރާއްޖޭގެ ތަރައްޤީއަށާއި ދެމެހެއްޓެނިވި ކުރިއެރުމަށް މަސައްކަތް ކުރުމުގެ ރޫހުގައި ކަމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މަޢުލޫމާތުދެއެވެ.
މިގޮތުން މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ގެނައުމަށްޓަކައި، އުރީދޫ މޯލްޑިވްސްގެ ފަންނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރުން ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ މި ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ޑިޖިޓަލް ހިދުމަތްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވާފައެވެ.
ހަމަ އެހެންމެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް، ފަތުރުވެރިންނަށް ފަސޭހަކޮށްދިނުމަށް ޑިޖިޓަލް ހައްލުތައް ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް، ވިދާޅުވީ މިނިސްޓަރާއި އެކު ބޭއްވި މި ބައްދަލުވުމަކީ، ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އުރީދޫގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.
އަދި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ތިމާވެށީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމަށް އުރީދޫއިން ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.



