ނޭޕާލުގައި ސަރުކާރެއްނެތި ހަތަރު ވަރަކަށް ދުވަސް ވެގެންދިޔުމަށްފަހު އިންތިގާލީ ސަރުކާރެއް އެކުލަވާލައި އެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނު ކޮށްފިއެވެ.
ނޭޕާލްގެ ވަގުތީ ބޮޑު ވަޒީރަކަށް އައްޔަނު ކޮށްފައިވަނީ، އެ ޤައުމުގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ކުރިން ހުންނެވި، އުމުރުން 73 އަހަރުގެ ސުޝީލާ ކަރުކީ އެވެ.
އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ ކުރިން ނޭޕާލްގެ ރައީސް ރާމް ޗަންދްރަ ޕުޑެލް ވަނީ ޕާލަމެންޓް އުވާލައި އަންނަ އަހަރުގެ މާރިޗް މަހުގެ ފަސްވަނަ ދުވަހު އާންމު އިންތިޚާބެއް ބާއްވަން ނިންމިކަން އިއުލާނު ކުރައްވާފައެވެ. އެހެންކަމުން ބޮަދުވަޒީރު ސުޝީލާގެ ވަގުތީ ސަރުކާރު ދެމިއޮންނާނީ އިންތިޚާބަށްފަހު އައު ސަރުކާރެއް އެކުލަވާލުމާ ހަމައަށެވެ.
ނޭޕާލުގެ އަވަށްޓެރި ދެކުނު އޭޝިއާގެ ގައުމުތަކަކީ އަންހެން ބޭފުޅުން ބޮޑުވަޒީރުކަން ކުރައްވާފައިވާ ގައުމުތަކެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި އަންހެން ބޭފުޅުން ބޮޑުވަޒީރުކަން މީގެކުރިން ކުރައްވާފައިވާކަން ފާހަގަވެއެވެ.
ނޭޕާލްގައި އިންތިގާލީ ސަރުކާރެއް އެކުލަވާލަން ޖެހުނީ ޒުވާނުން އިސްވެތިބެ އެ ގައުމުގައި ކުރަމުންދިޔަ މުޒާހަރާތައް ހޫނުވުމާއެކު ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ މިދިޔަ އަންގާރަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުޒާހަރާތައް ފެށުނީ އިދާރީ ސަބަބަކާގުޅިގެން ނޭޕާލުގައި ސޯޝަލް މީޑިއާގެ މަންސަތައް މަނާކުރުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން މުޒާހަރާތައް ބަދަލުވީ ކޮރަޕްޝަނާ އިދިކޮޅު މުޒާހަރާތަކަކަށެވެ. އަދި އަމާޒަކަށްވީ ސަރުކާރު ވައްޓާލުންކަމަށްވަނީ ބެލެވިފައެވެ. މުޒާހަރާކުރި ފަރާތްތަކުން ވަނީ މި މަގުސަދު ހާސިލް ކޮށްފައެވެ.


