އިޒްރޭލުން ޣައްޒާގައި ހަމަލާތައް ވަރުގަދަކުރި ފަހުން މިހާތަނަށް އެ ސިޓީން އާންމުންގެ 250،000 އަށްވުރެ ގިނަ މީހުން ނުކުމެފައިވާ ކަމަށް ޔަހޫދީން ބުނެފިއެވެ.
ނަމަވެސް މިއީ ސައްހަ އަދަދެއް ނޫން ކަމަށާއި އިޒްރޭލުން ހާމަކޮށްފައިވާ ގިނަ އަދަދަށް ޣައްޒާއިން މީހުން ނުނިކުންނަ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ވަނީ ބުނެފައެވެ.
ފަލަސްތީނުގެ އޮފިޝަލުން ވަނީ ޣައްޒާ ސިޓީގެ އާންމުން ދާން އިޒްރޭލުން އަންގާފައިވާ ދެކުނު ސަރަހައްދުގައި މީހުން ތޮއްޖެހި އިތުރު މީހުންނަށް އެ ހިސާބުގައި ނޫޅެވޭ ވަރު ވެފައިވާ ކަމަށް ވެސް ބުނެފައެވެ.
އ.ދ އިން ބުނެފައިވަނީ ޣައްޒާގެ އެންމެ ބޮޑު އާބަން ސެންޓަރާއި އެ ސަރަހައްދުގައި ފަލަސްތީނުގެ މިލިއަނެއްހާ މީހުން އޯގަސްޓް މަހުގެ ނިޔަލަށް ދިރިއުޅެމުން އައި ކަމަށެވެ. ނަމަވެސް ޔަހޫދީ އިޒްރޭލުން ބާރުތަކުގެ ބޭނުން ވަރުގަދަ ކުރިފަހުން އެ ސަރަހައްދުގެ އެތައް ބަޔަކު ބަނޑުހައިހޫނުކަމުގެ ހާލަތަށް ވެއްޓިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޣައްޒާ ހިފުމަށް އިޒްރޭލުން ކުރަމުންގެންދާ މަސައްކަތްތަކާއި ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އ.ދ އާއި ދުނިޔޭގެ އިންސާނީ ކަންތައްތަކާބެހޭ ޖަމިއްޔާތަކުން ދަނީ ހުއްޓުމެއް ނެތި އިޒްރޭލަށް ގޮވައިލަމުންނެވެ.



