މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 6.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފުތާގައި މިފްކޯއަށް 160 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 160 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 26.6 އިންސައްތަ ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވަނީ 218 ދޯންޏަކުންނެވެ.
މިފްކޯއަށް މަސްކިރުވާފައިވާ ދޯނީގެ އަދަދު ދަށްވެފައިވާއިރު، މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ދަށްވެފައެވެ.
އެގޮތުން މިދިޔަ ހަފުތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ މުޅި ޖުމްލަ 6،374،926 ރުފިޔާއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި 9،390،235 ރުފިޔާއާއި އަޅާބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހު މިފްކޯއަށް 34 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަަކަށް މުޅި ޖުމްލަ 1،476،368 ރުފިޔާ ދޫކޮށްފައިވެއެވެ.



