ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝިލްޕާ ޝެޓީގެ ނަންމަތީގައި ވެސް ބަޔަކު ސްކޭމެއް ހަދަން ފަށާފައިވުމުން، އެކަމަށް ސަމާލުވުމަށް ޝިލްޕާ ބުނެފިއެވެ.
ޝިލްޕާ އޭނާގެ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ބުނީ، އަހްމަދްއާބާދުގައި އޮތް އެވޯޑް ޝޯއެއްގައި ޝިލްޕާ ބައިވެރިވާކަމަށް ބުނެ ފޭސްބުކް ޕޭޖަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.
އެ ޝޯއަށް ޝިލްޕާ ދަނީ ޗީފް ގެސްޓެއްގެ ގޮތުގައި ކަމަށް ބުނެ، މީހުން އަތުން ފައިސާވެސް ނަގަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ.
ޝިލްޕާ އޭނާގެ ފޭނުންނަށް ބުނީ، އެފަދަ އެއްވެސް ޝޯއަކަށް އޭނާ ދާން ހަމަޖެހިފައިނުވާ ކަމަށާއި އެފަދަ ޕޭޖުތަކަށް ސަމާލުވުމަށެވެ. އަދި މިހާރުވެސް އެ ޕޭޖަށް ފައިސާ ދައްކާފައިވާ ފަރާތްތަކުން ކަމާބެހޭ އިދާރާތަކަށް އެކަމާ ގުޅޭގޮތުން ލަސްނުކޮށް ރިޕޯޓު ކުރުމަށް ވެސް ބުނެފައިވެއެވެ.
އިވެންޓުތަކާއި އެވޯޑު ޝޯތަކުގައި ފިލްމީތަރިން ބައިވެރިވާ ކަމަށް ބުނެ މީގެ ކުރިން ވެސް އާއްމުންގެ އަތުން ބައެއް މީހުން ވަނީ އޮޅުވާލައިގެން ފައިސާ އަތުލާފައެވެ.



