ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ސަރަހައްދުގެ މޫދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގުޅޭ ސަރަހައްދުގެ ޗެނަލަކީ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނޭގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.
މީގެއިތުރުން އެ ސަރަހައްދަކީ އެޗްޑީސީން ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދާ އާލާކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެހެންކަމުން އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަކީ އެ ސަރަހައްދުގައި މޫދަށް އެރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމަކަށްވާތީ، އަދި އެ ސަރަހައްދުގެ މޫދުގައި މުރަކަ އިންދާ އާލާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތަށް ދަތިވާތީ، 19 ސެޕްޓެމްބަރު 2025 ވަނަ ދުވަހުން ފެށިގެން އިންޖީނުލީ އުޅަނދުފަހަރު އެ ސަރަހައްދުގައި ދުއްވުމަކީ މަނާކަމެއް ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.



