ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސާވިސް ސެންޓަރެއް ޤާއިމްކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެލިއާ އިންވެސްޓްމެންޓާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އެމްޕީއެލް ހެޑް އޮފީހުގައި މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީއެވެ.
ކުޅުދުއްފުށީ ޕޯޓުގައި ޔަމަހާ ސާވިސް ސެންޓަރެއް ގާއިމްކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ، މިއަދާއި ހަމައަށް ޕޯޓުން ކުރަމުން އައި މަސައްކަތަކީ ކޮންޓެއިނަރ ރާއްޖެ ގެނެސް ކަނޑާ ވިޔަފާރި ބަނދަރަށް ބޭރުކުރުންކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޕޯޓުތައް އިތުރުވުމުން ބައެއް މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކް މަސައްކަތްތައް ފެށުމާއި ކަނޑާއި ގުޅިފައިވާ މަސައްކަތް ފުޅާކުރަން ހިމެނޭކަމަށް ވެސް ރިޝްވާން ވިދާޅުވިއެވެ. އަދި މި މަސައްކަތް ވެގެންދާނީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކުރެވިގެންދާ މަސައްކަތެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.
”އުތުރުގައި އަޅުގަނޑުމެން ޕޯޓްގެ މަސައްކަތް ފެށިއިރުގައި ވަރަށް މުހިންމު ކޮންޕޯނެންޓެއް މަދުވެގެން އެބަދޭ ކުޅުދުއްފުށި ޚާއްސަކޮށް. އެއީ އަޅުގަނޑުމެންގެ ބަނދަރެއް އޮވެފައި ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ރިކުއެސްޓް އާދޭ ވަރަށް ގިނަ ތަފާތު ހިދުމަތައް އެ ހިސާބުގަނޑުގެ މީހުންގެ ފަރާތުން. އެކަމަކު އަޅުގަނޑުމެންނަށް ވާގޮތަކީ ވަރަށް ބޮޑަށް ލިމިޓްވޭ ވެއަރހައުސް އެބަހުރި. އަޅުގަނޑުމެންގެ އިންޖީނިއަރިން ސަރވިސް އެތާއެބަހުރި. އެއްގަމު އުޅަނދު ބެލެހެއްޓޭ. އެކަމަކު ކަނޑުގެ މަސައްކަތްކުރާ ކީވޯލްއެއް އޮވެފައި ކަނޑުގެ ގުޅުން އޮންނަ ބަޔަކަށްވާތީ މި ރިކުއެސްޓް އަބަދުވެސް އާދޭ އަޅުގަނޑުމެންނަކަށް“ އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.
އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ ވިދާޅުވީ، މިކަމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަމަށާއި، މި މަސައްކަތަކީ ގުޅިގެން ދެފަރާތުން މަސައްކަތް ކުރުމުގެ ފެށުމެއްކްމަށެވެ.


