ކ.ތުލުސްދޫގެ ހޮސްޕިޓަލް ތަރައްގީކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސް، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފަވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.
ތުލުސްދޫގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، ހޮސްޕިޓަލް އަޅާ ސަރަހައްދު ސާފުކުރުމާއި ފެންސް ޖެހުމުގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ އަމަލީ މަސައްކަތަށް ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިމަހުގެ ފަހު ހަފްތާގައި އަމަލީގޮތުން އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ތުލުސްދޫގައި ހޮސްޕިޓަލް އިމާރާތުގެ އިތުރުން، 1729.10 އަކަފޫޓުގެ ހެލްތު ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



