ޔަހޫދީ އިޒްރޭލުގެ މެޗުތައް ބޮއިކޮޓް ކުރަން ގޮވާލައި، ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ފެޑެރޭޝަންތަކުން ކެމްޕެއިނެއް އިއްޔެ ފަށައިފިއެވެ.
”ގޭމް އޯވާ އިޒްރޭލް“ ގެ ނަމުގައި ފެށި މި ކެމްޕެއިން ކުރިއަށް ގެންދަނީ ދުނިޔޭގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕްތަކާއި ސަޕޯޓަރުންގެ އެސޯސިއޭޝަންތަކާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ޔޫރަޕްގެ ނުވަ ގައުމެއްގެ ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެގޮތުން މި ފުޓްބޯޅަ ފެޑެރޭޝަންތަކުގެ ތެރޭގައި ހިމެނެނީ ބެލްޖިއަމް، އިންގްލެންޑް، ފްރާންސް، ގްރީސް، އަޔަލެންޑް، ނޯވޭ، ސްކޮޓްލެންޑް އަދި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނެވެ.
މި ކެމްޕޭނުގައި ގޮވައިލަމުން ދަނީ އިޒްރޭލުގެ ގައުމީ ފުޓްބޯޅަ ޓީމާއި ކްލަބްތަކުގެ އިތުރުން، އެ ގައުމުތަކުގެ ޑޮމެސްޓިކް ލީގުގައި އިޒްރޭލު ކުޅުންތެރިން ކުޅުވުން މަނާ ކުރުމަށެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކެމްޕެއިން އިންތިޒާމު ކުރާ ފަރާތްތަކުން ބުނި ގޮތުގައި މިއީ، ފަލަސްތީނުގެ އާއްމުންގެ ފުރާނަ އާއި ކުޅިވަރު ވަސީލަތްތަކާއި އެ ނޫން ވެސް އިންފްރާސްޓްރަކްޗާ އަދި ގާޒާގެ ކުޅިވަރު ކުޅުންތެރިންނަށް ދެމުން ގެންދާ ގެއްލުންތަކާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ފެށި ކެމްޕެއިނެކެވެ. އަދި ދުނިޔޭގެ އާއްމު ރައްޔިތުން ވެސް މި އަމަލުތައް ކުށްވެރިކޮށް، އިޒްރޭލް ބޮއިކޮޓް ކުރަން އިތުރު އެސޯސިއޭޝަންތަކަށް ފިއްތުންތައް ކުރުމަށް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.


