ހުޅުމާލެ އަކީ ސާފުތަނަކަށް ހެދުމުގެ ގޮތުން އެޗްޑީސީ އިން އިސްނަގައިގެން ކުރިއަށްގެންދާ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ހަރަކާތް ސެޕްޓެމްބަރ 27 އަށް ބަދަލުކޮށްފިއެވެ.
ކުރިން ސެޕްޓެންބަރ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް، މި މަހު 27 ވަނަ ދުވަހަށް ބަދަލުކުރީ ގިނަ ބައެއްގެ ޝައުގުވެރިކަން މި ހަރަކާތަށް ފާޅުކުރުމުން، އެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމުގައި އެޗްޑީސީން ބުނެފައިވެއެވެ.
މި ޕްރޮގުރާމުގެ މަގްސަދަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމެވެ.
މި މަހުގެ 27 ވަނަ ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފަށާނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އެގޮތުން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެޗްޑީސީގެ އަމާޒަކީ، ކުރިއަށް އޮތް އަހަރު، މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމެވެ.
މި ހަރަކާތާ ގުޅުވައިގެން، ތިމާވެށްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ ”މަންސަ“ ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެއެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ.



