އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއްގައި މީގެކުރިން ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހަކު، އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ނޯތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު، އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. އެމީހާއަކީ މީގެކުރިން ވެސް ކުށުގެ ރިކޯޑް އޮތް މީހެކެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، އިތުރު މައްސަލައެއްގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ޕީޖީ އޮފީހުން ނުބުނެއެވެ.




